މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ

އޮގަސްޓް 2007 ގައި، ދިވެހިރާއްޖޭގެ (ފެހި) ޤާނޫން އަސާސީ ތަޞްދީޤުކުރުމާ ހަމަޔަށް، ރާއްޖޭގެ އެއްވެސް އަތޮޅެއްގެ ނަމެއް، ޤާނޫން އަސާސީގައި ކަނޑައެޅި ބަޔާންވެފައެއް ނުވެ އެވެ. ނަމަވެސް މި ބުނެވުނު (ފެހި) ޤާނޫން އަސާސީގެ 8 ވަނަ ބާބުގައި، މި އަތޮޅަކީ، ދިވެހިރާއްޖޭގައި ލާމަރްކަޒީ އުޞޫލުން ހިންގަންޖެހޭ، 21 އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެއް އިދާރީ ދާއިރާ ކަމަށާއި، ނަމަކީ، “ މާޅޮސްމަޑުލު އުތުރުބުރި ] ނުވަތަ ރ. އަތޮޅު، ކަމަށް ކަނޑައަޅައި ބަޔާން ކޮށްފައި ވުމުން، އެ ތާރީޚުން ފެށިގެން، މި އަތޮޅަށް، ވަކި އިދާރީ ދާއިރާއެއްގެ ޤާނޫނީ ހައިސިއްޔަތުގެ ޙައްޤުތައް ލިބިފައި ވެއެވެ. ޤާނޫން އަސާސީގެ 8 ވަނަ ބާބަށް ޙަވާލާދީގެން، ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ، ޤާނޫން ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 2 ވަނަ ބާބުގައި “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް] ބަޔާން ކޮށްފައިވާއިރު، 4 ވަނަ މާއްދާގެ އަރިމަތީ ސުރުޚީގައި، “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާގޮތް]ބަޔާންކޮށްފައި ވާއިރު، އެ މާއްދާގެ (ހ) ގެ އަރިމަތީ ސުރުޚީގައި، “އަތޮޅު ދާއިރާތައް] އޮތުމަށްފަހު، ލިސްޓް ކޮށްފައިވާ ތަރުތީބުން، 05 ވަނަ ނަންބަރުގައި ވަނީ، “މާޅޮސްމަޑުލު އުތުރުބުރި] (ރ. އަތޮޅު) އެވެ.